ރާއްޖެސަރުކާރު
ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިވެކް އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
11/02/2025
ޒައިން ރަޝީދު
ޝެއަރ
އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއިއެކު ސްޓެލްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އަދި ސިވެކްގެ ފަރާތުން ސޮއިކުރެއްވީ ސިވެކްގެ މެނޭޖިންގ ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބައިރުއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ތަމްރީން ތަކުގެ ސަބަބުން ގައުމީ ހިދުމަތާއި އަދި އަމިއްލަ އާއިލީ ދިރިއުޅުމުގައިވެސް ފައިދާ ކުރާނެކަމަށެވެ.
"އަޅުގަނޑުމެންނަށް މި ދޭތެރޭން، ޤައުމުގަ ހިނގާދިޔަ ކަންތައްތަކާ އަދި ބައެއް އިވެންޓްތަކުގަ، އަޅުގަނޑުމެންގެ ބައެއް މުވައްޒަފުން އެބަހުރި ރެސްކިއު ބައެއް އޮޕަރޭޝަންތައް (ހިންގާފަ). ރައްޔިތުންގެ ތެރޭން މިސާލަކަށް މޫދަށް ވެއްޓުނު މީހަކު ނަގާފަ އެބަހުރި. އަދި އަޅުގަނޑުމެންގެ ޕްރޮޕަޓީޒްތަކަށް ވައްކަންކުރަން ވަތް މީހުންނާވެސް އެބަހުރި އަޅުގަނޑުމެންގެ މުވައްޒަފުން ކޮންފްރަންޓް ކޮށްފަ. އަޅުގަނޑުމެން ބަލާލިން މި ބޭފުޅުންނަކީ މި ޓްރޭނިންގ ޕްރޮގްރާމް ހަދާފަ ތިބި ބައެއްތޯ. މީގެން ކުރި ފައިދާއެއްތޯ، އަސްލުގަ މި ބޭފުޅުން މިކަހަލަ ކަމެއް ދިމާވީމަ އިސްނަގަން ކެރުނީ ކިހިނެއްތޯ. ބެލީރުގަ ދަންނަވަންތޯ ހުރިހާ މުވައްޒަފުންނަކީވެސް އަޅުގަނޑުމެން މި ހިންގި ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގްރާމްގަ އެމްއެންޑީއެފް ބޭކަލުން އަޅުގަނޑުމެންނަށް ޓްރެއިން ކޮށްދެއްވާފަ ތިބި ބޭފުޅުން. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މަސައްކަތުގެ މާޙައުލުގަވެސް، އަދި ޤައުމަށް ޚިދުމަތްކޮށްދިނުމުގަވެސް، އަދި އަމިއްލަ އާއިލީ ދިރިއުޅުމުގަވެސް، މި ޕްރޮގްރާމަކީ ފައިދާ ކުރާނެ ޕްރޮގްރާމެއް. ފައިދާ ކުރާ ޕްރޮގްރާމެއް." ފަހުމީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ ޙުސައިން ފަރުހާދު ވިދާޅުވީ ސްޓެލްކޯގެ އަމާޒަކީ ސްޓެރެޓެޖިކް އޮބްޖެކްޓިވްސްތައް އެޗީވް ކުރާނެ ވަރުގަދަ ޓީމެއް ޤާއިމްކުރުން ކަމަށެވެ.
"އަޅުގަނޑުމެންގެ އެމްޑީގެ އިސްނެންގެވުމުގެ މަތިން، އެމްޑީގެ މޮޓޯގެ ދަށުން، މިހާރު އަޅުގަޑުމެންގެ ކުންފުނީގެ އަމާޒަކީ، ކުންފުނީގާ އިޚްލާސްތެރި، ވަފާތެރި، ބުރަކޮށް މަސައްކަތްކުރާ، ހިތްވަރާ އަޒުމާއެކު، އެކުވެރިކަމާއެކު، އަޅުގަނޑުމެންގެ ކުންފުނީގެ ތަޞައްވުރާ، މުހިންމަތާ، އަދި ކުންފުނީގާ ރާވާލެވޭ ސްޓެރެޓެޖިކް އޮބްޖެކްޓިވްސްތައް އެޗީވް ކުރާނެ ވަރުގަދަ ޓީމެއް ޤާއިމްކުރުން" ފަރުހާދު ވިދާޅުވިއެވެ.
ސްޓެލްކޯގެ 668 މުވައްޒަފުން މިހާރުވެސް ވަނީ އެމްއެންޑީއެފްގެ އެހީގައި މިހާރު ކުރިއަށްދާ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސްޓެލްކޯގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ ހުރިހާ މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަ ކުރުމެވެ.
މިއަދު ވެވުނު ފަހުމުނާމާގެ ދަށުން ސިވެކްގެ އެހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް އިތުރު ތަމްރީނު ހިންގުމަށް އެއްބަސްވެވުނު ދާއިރާތަކުގެ ތެރޭގައި:
• ބޭސިކް ފަސްޓް އެއިޑް
• ފަޔަރ އެވެއާނެސް
• އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް
• ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިންގ
• ސުވިމިންގް އެންޑް ރެސްކިއު
• ލައިފް ކޯޗިންގ
މީގެ އިތުރުން ފަޔަރ އެވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީވުމާއި އިންޖީނުގެތަކުގައި ޤާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް ފަހުމުނާމާގައި ހިމެނިފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
ހިޔާލު
ގުޅުންހުރި