ވިޔަފާރި
ރަމަޟާން މަހު އެމް.ޑަބްލިއު.އެސް.ސީގެ އެޕް މެދުވެރިކޮށް ބިލް ދައްކައިގެން އުމުރާ ދަތުރެއް ހޯދުމުގެ ފުރުސަތު
09/03/2025
ޒައިން ރަޝީދު
ޝެއަރ
ރަމަޟާން މަހާ ގުޅުވައިގެން "އެކުވެރި ރޯދަ 30"ގެ ނަމުގައި، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އެކުންފުނީގެ އެޕް މެދުވެރިކޮށް ބިލު ދައްކާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 3 ފަރާތަކަށް ޢުމްރާ ދަތުރެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެމްޑަބްލިއުއެސްސީން ބުނީ މި ޕްރޮމޯޝަނުގެ މަޤްސަދަކީ، ރަމަޟާން މަހާއި ގުޅުވައިގެން ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސްކޮށްދިނުމުގެ އިތުރުން ވީހާވެސް ގިނަ ކަސްޓަމަރުން އެޕަށް އަހުލުވެރިކޮށް، އެޕް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު އިތުރުކުރުމެވެ. އަދި ބިލްދެއްކުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް އާންމުންނަށް ބާރުއެޅުން ހިމެނޭ ކަމަށްވެސް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ.
މި ޕްރޮމޯޝަނަކީ އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކަންޖެހޭނެވެ.
ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ލިބޭނެއެވެ. އަދި އިނާމް ލިބޭތާ އެއް އަހަރު ތެރޭގައި ޢުމްރާ ދަތުރު ބޭނުންކުރަންޖެހޭނެއެވެ.
މި ޕްރޮމޯޝަނަކީ މިއަހަރަކީ އެމްޑަބްލިއުއެސްސީއަށް 30 އަހަރު ފުރޭ އަހަރުކަމަށްވާތީ، އަހަރީ ދުވަހާ ގުޅުވައިގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
ހިޔާލު
ގުޅުންހުރި