ރާއްޖެސަރުކާރު

ދައުވާ ކުރަނީ މަރިޔަމް ޒުބައިރު، ފައްޔާޒު އިސްމާޢީލް އަދި އެމްޑީޕީގެ މައްޗަށް

15/03/2025

ޒައިން ރަޝީދު


ޝެއަރ

ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ބޭފުޅުންންގެ ކަރާމާތް ގެއްލޭ ގޮތަށް އެމްޑީޕީ އެއްވުމުގައި ދެއްވި ވާހަކަތަކާ ގުޅިގެން މަދަނީ ދައުވާކުރަން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ މަދަނީ ދައުވާކުރަން ނިންމެވީ އަކަމަނާގެ ދަރިކަލުންގެ ރައްކާތެރިކަމާއި މުއްސަތަޤުބަލަށްޓަކައެވެ.

މެޑަމް ސާޖިދާގެ ފަރާތްޕުޅުން އެބަޔާން އާންމުކުރެއްވީ އެބޭފުޅުންގެ ޤާނޫނީ ވަކީލު، ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރުއެވެ. އާޒިމާ ވިދާޅުވީ މަދަނީ ދަޢުވާކުރަން ނިންމާފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުއާއި އެމްޑީޕީއަށާއި އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލްގެ މައްޗަށެވެ.

އެމްޑީޕީން މި މަމަހުގެ 12 ވަނަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި މަރިޔަަމް ޒުބައިރު ވަނީ ވޭޕް މަނާކުރީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ވިދާޅުވެފައެވެ. އަދި އެވާހަކަތަކަށްފަހު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވަނީ އެކަން ކުއްވެރިކުރުމުގެ ބަދަލުގައި އެކަމަށް ހިތްވަރުލިބޭ ގޮތަށް ޓުވީޓްކުރައްވާފައެވެ.

އެމްޑީޕީން ރައީސުލްޖުމްހޫރިއްޔާގެ ބޭފުޅުންނާ ގުޅުވާ ދޮގުވާހަކަ ދެއްކުމާއެކު، ސޯޝަލް މީޑިއާގައި ވަނީ އެބޭފުޅުންނަށް އަމާޒުކޮށް ފުރައްސާރަކުރުމާއި އެބޭފުޅުންގެ އަބުރުކަތިލުމުގެ އެތައްކަމެއް ފެށިގެން ގޮސްފައެވެ.

ފަސްޓްލޭޑީ ސާޖިދާ ނެރުއްވި ބަޔާނުގައި ވިދާޅުވީ އެކަމަނާގެ ދަރިކަލުންނަކީ 16 އަހަރުގެ ކުޑަ ކުއްޖެކަމަށާއި އަދި ދުވަހަކުވެސް ވޭޕްވެސް އަދި ދުންފަތުގެ އިސްތިއުމާލުވެސް އެނާ ކުރާކަމަށެވެ. އަދި އެކަމަނާ އާއި ރައީސުލްޖުމްހޫރިއްޔާ މަގާމްގެ ހައިސިއްޔަތުން ނިންމަވާ ނިންމެވުންތަކަށް ބާރުފޯރުވުމުގެ އެއްވެސް ބާރެއްވެސް ދަރިކަލުންނަށް ލިބިފައިނެތްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބޭފުޅުންގެ ކަރާމާތް ގެއްލޭގޮތަށް އެމްޑީޕީން ދެއްކި ވާހަކަތައް ހިއުމަން ރައިޓްސް ކޮމިޝަނުންނާއި އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ކުއްވެރިކޮށްފައެވެ. އަދި އެއީ އެއްވެސް ގޮތަށް ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ނޫކަމަށް އެ މުއައްސަސާތަކުން ވަނީ އެމްޑީޕީއަށް ހަނދާންކޮށްދީފައެވެ.

ހިޔާލު


ގުޅުންހުރި