ރާއްޖެސަރުކާރު

14 ގަޑިއިރުގެ ނޫސް ކޮންފަރެންސް، މިއީ ދުނިޔޭގެ ރެކޯޑެއް!

03/05/2025

ޒައިން ރަޝީދު


ޝެއަރ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 14 ގަޑިއިރާއި 55 މިނެޓްގެ ނޫސްވެރިންގެ ބަދަލުވުމެއް ބާއްވަވާ ދުނިޔޭގެ ރެކޯޑެއް ހައްދަވައިފިއެވެ.

މިއަދު ހެނދުނު 10:00 ގައި ފެއްޓެވި ނޫސް ކޮންފަރެންސް ނިންމަވާލެއްވީ މިރޭ ދަންވަރު 12:50 ގައެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ވަގުތު ހޭދަކުރެއްވިއިރު ނަމާދު ގަޑިތަކުގައި 15 މިނެޓްގެ ބްރޭކެއް ނެންގެވިއެވެ. އެ ވަގުތުކޮޅު ރައީސް ހޭދަކުރެއްވީ ރައީސް އޮފީހުގައި ނަމާދު ކުރެއްވުމަށާއި ފަރީއްކުޅުއްވުމަށެވެ.

ހުރިހާ ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން ސުވާލުކުރުމުގެ ފުރުސަތު ދެއްވިއެވެ. އަދި އެމީހަކު ބޭނުން ސުވާލެއް، ބޭނުން ގޮތަކަށް ކުރުމުގެ ފުރުސަތު އޮތެވެ. ބައެއް ނޫސްވެރިން ބައެއް ސުވާލުތައް ތަކުރާރުވެސް ކުރިއެވެ. އަދި ބައެއް ނޫސްވެރިން ވަނީ 30 ސުވާލަށްވުރެ ގިނަ ސުވާލުކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުމުގެ ފުރަތަމަ 2 ގަޑިއިރު ރައީސުލްޖުމްހޫރިއްޔާ ހޭދަކުރެއްވީ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފުސީލު ނޫސްވެރިންނާ ހިއްސާކުރުމަށެވެ. އޭގެ ފަހުން މެންދުރު 12:15 އިން ފެށިގެން ދަންވަރު 12:50 ހަމައަށް ރައީސް ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަފައެވެެ.

ނޫސްވެރިން ވަނީ އެކިކަންކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާ އާއި އެކިތަންތަނުގައި ދައްކާ ވާހަކަތަކާއި ރައީސަށް އަމާޒުކޮށް އިދިކޮޅުން ފަތުރާ ވާހަކަތަކާ ގުޅޭ ގޮތުންވެސް ސުވާލުކޮށްފައެވެ. ހުރިހާ ސުވާލަކަށް ރައީސް ވަނީ މަޑުމައިތިރިކަމާއެކު ޖަވާބު ދެއްވާފައެވެ.

މިއީ ދުނިޔޭގައިވެސް މިހާ ދިގުކޮށް ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. މީގެ ކުރިން ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ 2019 ވަނަ އަހަރު ނޫސްވެރިންގެ މިނިވަންކަމުގެ ދުވަހު 14 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ މި ބައްދަލުވުމަކީ ޒެލެންސްކީގެ ބައްދަލުުމަށްވުރެ 55 މިނެޓް ދިގު ބައްދަލުވުމެކެވެ.

އަދި މިއީ ރާއްޖޭގެ ތާރީޚުގައިވެސް ރާއްޖޭގެ ވެރިއަކު ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެެވެ.

ހިޔާލު


ގުޅުންހުރި