ވިޔަފާރި

އިތުރު ޚިދުމަތްތަކާއެކު އެމްޑަބްލިޔުއެސްސީ މޯބައިލްއެޕް ލޯންޗުކޮށްފި

20/07/2025

ޒައިން ރަޝީދު


ޝެއަރ

އިތުރު ޚިދުމަތްތަކާއެކު އެމްޑަބްލިޔުއެސްސީ މޯބައިލްއެޕް ލޯންޗުކޮށްފިއެވެ.

އެ ކުންފުނީގެ އެޕް މިއަދު އާންމުކުރީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދުވަހުން ދުވަހަށް ރަގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުގައެވެ. މިބަދަލުތައް ގެނެސްފައި ވަނީ އެމްޑަބްލިޔުއެސްސީގެ އެޕް ކުރިއަށް ވުރެ ސާދާކުރުމާއެކު، ޚިދުމަތްތައް ލިބިގަތުން ފަސޭހަ ކޮށްދިނުމާއި އަވަސް ކޮށްދިނުމަށް އަމާޒުކޮށްގެނެވެ.

އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި މޯބައިލް އެޕްލިކޭޝަން ޢާންމު ކޮށްދެއްވީ އެކުންފުނީގެ ޗެއަރޕާރސަން އަލްފާޟިލާ ޝަމްޙޫޒާ އަޙުމަދު އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދުއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީ މަތީން ވިދާޅުވީ އެޕް އަލުން ޢާންމު ކުރުމަކީ ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ކަސްޓަމަރުން ކުންފުނީގެ ޚިދުމަތްތައް ހޯދުމުގައި ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެޕްލިކޭޝަނަށް ގެނެވުނު ބަދަލަކީ "މޯލްޑިވްސް 2.0" ގެ ދަށުން ކުންފުނިން ކުރިޔަށްގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބައެއް ކަމަށާއި މިބަދަލުތަކާއެކު މި އެޕް ބޭނުންކުރުމުގައި ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެ، ކުންފުނީގެ ޚިދުމަތްތައް އަވަސް ވެގެން ދާނެކަން މަތީން ފާހަގަކުރެއްވިއެވެ.

އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕްލިކޭޝަނަށް އިތުރު ބަދަލުތަކެއް ގެނެސްފައިވަނީ ޚިދުމަތްތައް ހޯދުމަށް ކައުންޓަރަށް އައުމުގެ ބަދަލުގައި، މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް އެދި ހުށައެޅުމާއި، ބިލްތަކަށް ފައިސާ ދެއްކުމާއި، އަދި އެހެނިހެން ޚިދުމަތްތައް ލިބޭ ގޮތަށެވެ.

މޯބައިލް އެޕަށް މި ގެނެވުނު ބަދަލުތަކާއެކު، ކުރިން އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕްލިކޭޝަންއިން ލިބެމުން ދިޔަ ޚިދުމަތްތަކާއި އަދި އީ-ޕޯޓަލް މެދުވެރިކޮށް ލިބެން ހުރި ހުރިހާ ޚިދުމަތްތަކުގެ އިތުރުން އައު ޚިދުމަތްތައްވެސް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އެގޮތުން އަލަށް ހިމަނާފައިވާ ހިދުމަތްތަކުގެ ތެރޭގައި އީފާސް މެދުވެރިކޮށް ފަސޭހަކަމާއެކު މޯބައިލް އެޕްލިކޭޝަންއަށް ލޮގިން ވެވޭނެގޮތް ހެދުމާއި ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް އޮންލައިންކޮށް އެދި ހުށައެޅުމާއި ކަސްޓަމަރުން އެދިފައިވާ ޚިދުމަތްތަކުގެ ތަފްޞީލާއި، އެޚިދުމަތުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ އަދާހަމަ ވަގުތުން ބެލޭނެގޮތް ވުމާއި އެ ޚިދުމަތްތަކަށް އެޕް މެދުވެރިކޮށް ފައިސާ ދެއްކުމާއި މީޓަރގެ ރީޑީންގއާއި ފޮޓޯއެއް އަޕްލޯޑް ކޮށްލައިގެން މަހުގެ ކޮންމެ ހިސާބެއްގައިވެސް ބިލް ހެދުމަށް ރިކުއެސްޓް ކުރެވުން ފަދަ ހިދުމަތްތައް ހިމެނެއެވެ.

އެމްޑަބްލިޔުއެސްސީ މޯބައިލް އެޕްލިކޭޝަން އެޕަލް އެޕްސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި އެޕްލިކޭޝަނާ ގުޅުންހުރި އިތުރު މަޢުލޫމާތާއި އެހީތެރިކަން ކަސްޓަމަރ ސަރވިސް ހޮޓްލައިން 105 އިން ލިބޭނެއެވެ.

ހިޔާލު


ގުޅުންހުރި