ރާއްޖެސަރުކާރު
އެމްޑަބްލިއުއެސްސީން ހުޅުމާލޭގައި ބަހައްޓާ 10 ހާސް ޓަނުގެ ފެން އުފައްދާ ޕްލާންޓްގެ އަމަލީ މަސައްކަތް ފަށައިފި
10/08/2025
ޒައިން ރަޝީދު
ޝެއަރ
އެމްޑަބްލިއުއެސްސީން ހުޅުމާލޭގައި 10 ހާސް ޓަނުގެ ފެން އުފައްދާ ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިއީ މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
މިރޭ އެމްޑަބްލިޔުއެސްސީގެ ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި، މި އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިޔުއެސްސީ އަށް 29 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ 10 މުވައްޒަފުންނާއި މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އާއި، ކުންފުނީގެ ޗެއަރ ޕާރސަން ޝަމްހޫޒާ އަޙްމަދު އަދި ބޯރޑު މެންބަރުންނެވެ.
ފައުންޑޭޝަން ކޮންކްރީޓްގެ މަސައްކަތް ފެށި މި އިމާރާތުގެ މަސައްކަތް ނިންމުމަށް އަމާޒުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށެވެ. މި އިމާރާތުގެ މަސައްކަތް ނިމުމާއެކު، ދުވާލަކު 5000 ޓަނުގެ ފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް މި އިމާރާތުގައި ބެހެއްޓުމުގެ މަސައްކަތް ފަށާނެކަމަށް އެމްޑަބްލިއުއެސްސީ ބުނެއެވެ.
މި އާރް.އޯ ފެސިލިޓީއަކީ މާލެ އާއި ހުޅުމާލޭގެ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެމްޑަބްލިޔުއެސްސީ ގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުންކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
ހިޔާލު
ގުޅުންހުރި