ރާއްޖެސަރުކާރު

އެމްޑަބްލިޔުއެސްސީއިން ހުޅުމާލޭގައި 10 ހާސް ޓަނުގެ ފެން ރައްކައުކުރެވޭ ތާނގީއެއް ގާއިމްކޮށްފި

17/08/2025

ޒައިން ރަޝީދު


ޝެއަރ

މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި 10,000 ޓަނުގެ ފެން ރައްކައުކުރެވޭ ތާނގީއެއް ގާއިމްކޮށް ބޭނުންކުރަން ފަށައިފިއެވެ.

މިއަދު އެމްޑަބްލިޔުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ތާނގީ ބޭނުން ކުރަން ފެށުން އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދުއެވެ.

އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންގެ ހުނަރާއި މަސައްކަތްތެރިކަމުގެ ތެރެއިން ޤާއިމުކުރެވުނު 10،000 ޓަނުގެ މި ތާނގީއަކީ، މިހާތަނަށް ރާއްޖޭގައި ބެހެއްޓި އެންމެ ބޮޑު ފެން ތާނގީއެވެ. 24 މީޓަރު އުސް މި ތާނގީގެ ގާއިމްކުރުމުގެ މަސައްކަތް ފެށީ 2024 ވަނައަހަރުގެ ސެޕްޓެންބަރުގެއެވެ. މި ތާނގީ ބޭނުން ކުރަން ފެށުމާއެކު ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު 22,600 ޓަނަށް އިތުރުވެފައިވާ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ.

މިއީ ހުޅުމާލޭގައި ފެންރައްކާ ކުރެވޭ މިންވަރަށް އައި 79 އިންސައްތައިގެ ކުރިއެރުމެކެވެ. މި ތާނގީ ބޭނުންކުރަން ފެށުމާއެކު މާލެއާއި ހުޅުމާލޭގައި ފެން ރައްކައުކުރެވޭ ޖުމްލަ މިންވަރު 36,000 ޓަނުން 46,000 ޓަނަށް ވަނީ އިތުރުވެފައެވެ. ސިނަމާލެ ބްރިޖްމަތިން އަޅާފައިވާ ހޮޅި މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ 2025 ވަނައަހަރުގެ ފެބްރުއަރީމަހުގައި ވަގުތީ ގޮތުން ގުޅާލެވިފައިވުމާއެކު މި ތާނގީގެ ސަބަބުން މާލޭގެ ފެނުގެ ޚިދުމަތަށްވެސް އިތުރު ކުރިއެރުމެއް ލިބިގެން ދާނެއެވެ.

ހިޔާލު


ގުޅުންހުރި