ރާއްޖެސަރުކާރު

އެމްޑަބްލިޔުއެސްސީއިން ށ. ގޮއިދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި

13/10/2025

ޒައިން ރަޝީދު


ޝެއަރ

އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، އިފްތިތާޙްކޮށްފިއެވެ.

ށ.ގއޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

މިމަޝްރޫޢުގެ ދަށުން، ގޮއިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ.

މީގެ އިތުރުން، ފެންރައްކައު ކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.

އަދި ހަމަ މިއާއި އެކު، ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް މި މަޝްރޫޢުގެ ދަށުން ވަނީ ފޯރުކޮށްދެވިފައެވެ. ށ. ގޮއިދޫގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 89.05 މިލިއަން ދިވެހި ރުފިޔާއެވެ.

މިމަޝްރޫޢުގެ ސަބަބުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.

ހިޔާލު


ގުޅުންހުރި