ރާއްޖެސަރުކާރު

ކޮމަންޑޫ އެއާޕޯޓުގެ މަސައްކަތް 2 އަހަރާ ބައިގެ ތެރޭގައި ނިންމާ އެއާޕޯޓު ހުޅުވާނަން: ރައީސް

15/10/2025

ޒައިން ރަޝީދު


ޝެއަރ

ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ށ. ކޮމަންޑޫ އެއަރޕޯޓުގެ މަސައްކަތް ނިންމަވައި، އެއަރޕޯޓު ހުޅުވޭނެކަމުގެ ޔަޤީންކަންދެއްވައި، މިފަދަ ބިޔަ ބައެއް މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދަވާ ގޮތުގެ ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ރައްޔިތުންނާ ހިއްސާކުރައްވައިފިއެވެ.

މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ކޮމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ ކަންކަން ހިނގަމުންދާނެ ގޮތުގެ ތަފްސީލުތައްވެސް ހިއްސާކުރައްވާފައެވެ.

ށ. ކޮމަންޑޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ މަސައްކަތްތައް މިއަދު ފެށިފައިވާއިރު، އެންމެ ލަސްވެގެން 8 މަސްދުވަހުގެ ތެރޭގައި ބިންހިއްކުމުގެ މަސައްކަތް ނިމޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

އެމް.އޭ.ސީ.އެލުން ބިންހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވަނީ، އެރޮނގުން ކުރިއަރާފައިވާ، އެންމެ ފެންވަރު ރަނގަޅު، ބޭރުގެ 2 ކުންފުންޏަކާއެކު ހެދިފައިވާ އެއްބަސްވުންތަކުގެ ދަށުން ކަމަށާ، ގާތްގަނޑަކަށް 11000 ޓަނުގެ ޑްރެޖަރެއް މިމަސް ނިމޭއިރު ރާއްޖެ ގެނެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 3 ވަނަ ހަފުތާގެ ތެރޭގައި 40000 ޓަނުގެ ޑްރެޖަރެއް ރާއްޖެ ގެންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ޑްރެޖަރު މަސައްކަތް ކުރާނީ ރަސްމާލޭގައި ކަމަށާ، 3 ވަނަ ޑްރެޖަރު ޑިސެމްބަރު މަހުގެ ތެރޭގައި ގެނަސް، ހއ. ދިއްދޫގެ ޕްރޮޖެކްޓު 3 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ދެން ފަށާނީ ށ. ކޮމަންޑޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކަމުގައި ވިދާޅުވެ، މަޝްރޫޢުގެ ތަފްސީލުތައް، ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.

ހިޔާލު


ގުޅުންހުރި