ރާއްޖެސަރުކާރު
ރާއްޖޭގެ ގައުމީ އަސްލުތަކުގެ ހާލަތަށް ބަލާއިރު، ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ: މެޑަމް ސާޖިދާ
16/11/2025
ޒައިން ރަޝީދު

ޝެއަރ
ރާއްޖޭގެ ގައުމީ އަސްލުތަކުގެ ހާލަތަށް ބަލާއިރު، ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަކަމަށް ރަސްމިއްޔާތު ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމަކާ މިހެން ވިދާޅުވީ ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދިވެހި ތަރިކައިގެ ދާއިރާއިން ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، މިއީ، ފުރަތަމަ ފަހަރަށް، ދިވެހި ތަރިކައިގެ ދާއިރާއިން ހިލޭ ދެވޭ މާސްޓަރސް ފެންވަރުގެ 40 ސްކޯލަރޝިޕްކަން ފާހަގަކުރެއްވިއެވެ. އަދި މިއީ، ދިވެހިރާއްޖޭގައި ހިންގޭ މިފަދަ ފުރަތަމަ ޕްރޮގްރާމު ކަމަށްވާތީ، މި ރަސްމިއްޔާތަކީ ވަރަށް ތާރީޚީ ރަސްމިއްޔާތެއްކަން ފާހަގަކުރައްވައި، މިއަދު ސްކޮލަރޝިޕް ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އެކަމަނާ ވަނީ ތަހުނިޔާއާއި މުބާރިކުބާދީ ދަންނަވާފައެވެ. އަދި މި ލިބުނު ރަނުގެ ފުރުޞަތު ޙަޤީޤަތަކަށް ހެއްދުވުމުގައި ސާބިތުވެ ތިއްބެވުމަށް އެކަމަނާ، އިލްތިމާސް ކުރެއްވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ދިވެހި ތަރިކައިގެ ފުރަތަމަ ސިގްނޭޗަރ ރިސަރޗް ޕްރޮގްރާމު ފެށިގެންދާއިރު، ތަރިކައަކީ ކޮބައިތޯއާއި އޭގެ މާނައަކީ އަދި ބޭނުމަކީ ކޮބައިތޯއާއި، އޭގައި ހިމެނޭ ބާވަތްތަކަކީ ކޮބައިތޯ ސުވާލުކުރުން މުހިންމު ކަމުގައި ފާހަގަކުރެއްވިއެވެ. ތަރިކައިގެ ދާއިރާގެ ސުވާލުތަކެއް އެކަމަނާ ފާހަގަކުރެއްވީ، އަޅުގަނޑުމެންގެ ހަނދާނުގައި ވެސް ރާއްޖޭގެ އެތައް ތަރިކައެއް ނެތި ގޮސްފާވާތީ ކަމުގައި ވިދާޅުވިއެވެ. އެ ތަރިކަތައް ނައްތާލެވިފައިވާތީ، ކަންބޮޑުވެ އެ ކަންކަން ހުއްޓުވަން މާ ބޮޑު މަސައްކަތްތަކެއް ރަށުފެންވަރުގައިވެސް އަދި، ޖަމާޢަތުގެ ފެންވަރުގައިވެސް ކުރެވިފައި ނެތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ޒަމާނަށް ބަލާއިރު، ދިވެހީންގެ މާދަރީ ބަހަށް ވެސް، ނޭދެވޭ އަސަރުތަކެއް ފޯރަމުންދާ ކަމަށާއި، ދިވެހި ބަހަށްވުރެ، ބޭރުގެ ބަސްބަހަށް ފަރިތަ، ޖީލެއް އަޅުގަނޑުމެންނަށް ފެންނަމުން އެބަދާކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަ ކުރެއްވިއެވެ. އަދި ދިވެހި ތާރީޚާއި ތަރިކަ، މިޖީލުގެ ކުދިންނަށް ދޭހަނުވާ ކަމަށާ އަދި އެކަމުގެ މުހިންމުކަންވެސް އިޙްސާސްވާންވީ ފަރާތްތަކަށް އިޙްސާސްވޭތޯ އެކަމަނާ ވަނީ ސުވާލު އުފައްދަވާފައެވެ.
އަޅުގަނޑުމެންގެ ހާލަތު މި ގޮތަށް ބަދަލުވަމުންދާއިރު، ދުނިޔޭގެ އެހެން ޤައުމުތައް ބަދަލުވަނީ މިހެން ނޫންކަމާއި، ކުރިއަރަން މަސައްކަތްކުރާ ހުރިހާ ޤައުމުތަކަކުންވެސް އެބައެއްގެ މާދަރީ ބަހުން ވިސްނުމަށާއި، މާދަރީ ބަހަށް ޢިލްމުތައް ގެންނަން މަސައްކަތްކޮށް، ޖީލުތައް އެ ގޮތަށް ބިނާކުރަން މަސައްކަތްކުރާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ދާރުލްއާސާރުތައް އިތުރުކޮށް ޒަމާނީ ފަންނިއްޔާތުގެ އާ ގޮތްތައް ބޭނުންކޮށްގެން އެ ޤައުމެއްގެ އަންޒަމާނުން ފެށިގެން މާޒީ، ޖީލުންޖީލަށް ރައްދުކޮށްދޭ ކަމުގައިވެސް އެކަމަނާ ވިދާޅުއިއެވެ.
ކޮންމެ ބަޔަކުވެސް ކުރިއަރަން މަސައްކަތްކުރާއިރު، އެބައެއްގެ އަސްލުތައް ކަށަވަރުކޮށް ދަމަހައްޓާކަމަށާ، މާދަރީ ބަހާއި، ދީނާއި، ސަގާފަތާ، އާދަކާދަޔާއި، ތާރީޚާއި ތަރިކަތަކަށް ޢިލްމީ ލެންސްތަކުން ބަލައި، އެ ޤައުމެއްގެ މުސްތަޤުބަލުގެ ބިންގާ، މި އަސާސްތަކުގެ މަތީގައި އިމާރާތް ކުރާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ ޤައުމީ އަސްލުތަކުގެ ޙާލަތަށް ބަލާއިރު، ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަކަމަށާއި، އެގޮތުން ދިވެހިބަސް ވަނީ، އާ ޖީލުގެ ހިތްތަކާއި ދޫތަކަށް އަލުން ގެންނަން ޖެހިފައިކަމަށް އެކަމަނާ ވިދާޅުވިއެވެ. ހަމަ މިފަދައިން، މާތްވެގެންވާ އިސްލާމްދީން، ދިވެހީންނަށް ދިން ތަރުބިއްޔަތުގައި، ދަސްވެފައި ހުރި މާތް ރީތި އަޚްލާޤު އަލުން ހޯދަން ޖެހިފައިވާކަމަށާ، ދިވެހި މަސައްކަތްތެރިކަމާއި ހުނަރާއި ހަރުދަނާ ގޮތްތައް، އަދުގެ ޖީލުގެ މިސްރާބުކަމުގައި، ދައްކައިދޭން ޖެހިފައިވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ސްކޮލަރޝިޕް ލިބިވަޑައިގެންނެވި ފަރާތްތަކާ މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، އެ ބޭފުޅުންނަކީ، ދިވެހި ޤައުމުގެ މާނަވީ އަދި މާއްދީ ތަރިކަތަކަށް ޢިލްމީ ލޮލަކުން ބަލައި، ވަޒަންކުރުމުގެ ޤާބިލުކަން އަށަގަންނަވައިދޭ ފުރަތަމަ ގެމަ ކަމުގައެވެ. އަދި އެބޭފުޅުން ވާންވާނީ، ދިވެހި ފަސްގަނޑާއި ޤައުމު ދެކެ އިންތިހާއަށް ލޯބިވާ، ޤައުމަށާ ދީނަށް ވަފާތެރި، ދިވެހި ވަޠަނުގެ އަގުހުރި ދަރީންނަށް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
އެގޮތުން، އެ ބޭފުޅުން މިއަދު އެފެއްޓެވި ޢިލްމީ ދަތުރުގައި ކާމިޔާބުކަމާއެކީ މަންޒިލަށް ވާސިލުވުމަށް އުންމީދު ކުރައްވާކަމަށާއި، ދިވެހިބަހާއި، ސަގާފަތާއި، ތަރިކައާއި، ތާރީޚާއި، އާދަކާދައަށް އަންނަމުންދާ ހީނަރުކަން، އެބައިވެރީންގެ ޢިލްމީ މަސައްކަތްޕުޅު ތަކުން އާރޯކަމަށް ބަދަލުކޮށްލައްވައި ދެއްވުމަށް އުންމީދު ކުރައްވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި އެބޭފުޅުންނަކީ، ތަރިކައިގެ ދާއިރާގެ މުސްތަޤުބަލުގެ ފަރުމާވެރީން ކަމަށާ، އަދި އެއީ މާދަމާގެ ތަޖުރިބާވެރީން ކަމަށްވާތީ، އެ ޚިދުމަތުގައި ޝައުޤުވެރި ކަމާއެކު ކުރިޔަށް އޮތް ދުވަސްތަކުގައި ތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްތިމާސް ކުރެއްވިއެވެ.
ހިޔާލު
ގުޅުންހުރި