ރާއްޖެސަރުކާރު
ކައުންސިލް، ޑަބްލިއުޑީސީ އަދި އާންމު ޚިޔާލު ހޯދުމުގެ ވޯޓުލުން
04/04/2026
ޒައިން ރަޝީދު

ޝެއަރ
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ރައްޔިތުންގެ އާންމު ޚިޔާލު ހޯދުމުގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް އެބަދެއެވެ.
މިއީ މި ގޮތަށް ތިން އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި އިންތިޚާބުގައި 2،961 ކެންޑިޑޭޓުން ވާދަކުރެއެވެ. އެއީ ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލެއްވި 1،368 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ 1،593 ކެންޑިޑޭޓުންނެވެ.
އިންތިޚާބުގައި ތިން ވަނަ ކަރުދާހެއްގެ ގޮތުގައި ދެނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ނިންމާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ އާންމު ޚިޔާލު ހޯދުމުގެ ވޯޓު ކަރުދާހެވެ.
ރާއްޖޭގެ އެކި ކޮންކޮޅުތަކުގައި 588 ވޯޓު ފޮށި ބަހައްޓާފައިވާއިރު، 8،000 ވުރެ ގިނަ އޮބްޒާވަރުންދަނީ އިންތިޚާބުގެ ކަންކަން މޮނިޓަރ ކުރަމުންނެވެ. މީގެ ތެރޭގައި ރާއްޖެއާއި ރާއްޖެެއިން ބޭރުގެ ފަރާތްތައް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ހެނދު ވޯޓުލައްވާފައެވެ. އަދި ވޯޓަށްފަހު އެދިވަޑައިގަތީ ހުރިހާ ރައްޔިތުންވެސް ވީހާވެސް އަވަހަކަށް ވަޑައިގެން ވޯޓުލެވުމަށެވެ.
ހެނދުނު 8 އިން ފެށިގެން ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4 އަށެވެ. އަދި މިރޭގެ ވަގުތެއްގައި އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިއުލާނު ކުރާނެކަމަށް ބެލެވެއެވެ.
މި އިންތިޚާބުގައި 18 އަހަރުން މަތީގެ 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. އެއީ 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.
ހިޔާލު
ގުޅުންހުރި