ރާއްޖެސަރުކާރު
ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް ޑޭޓާ ނަގާ ނިމިއްޖެ
09/05/2026
ޒައިން ރަޝީދު

ޝެއަރ
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީން، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގާ ނިމިފައިވާކަމަށެވެ. އަދި މިއީ 2023 އާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. އެއީ 17 ނޮވެމްބަރު 2023 ގެ ނިޔަަލަށް ބަޔޯމެޓްރިކް ޑޭޓާ ނަގާފައިވަނީ އެންމެ 13 އިން ސައްތަ މީހުންގެއެވެ.
އެހެންކަމުން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މިމަސައްކަތުގައި ކުރިއަށް އޮތް 6 މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ އިތުރުން، ބިދޭސީން ދިރިއުޅޭ ތަންތަން ބަލާ ފާސްކޮށް، ގަވާއިދާ ހިލާފަަށް ދިރިއުޅޭ މީހުން ޑީޕޯޓްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ހިޔާލު
ގުޅުންހުރި