ރާއްޖެސަރުކާރު

މަޖިލީހުގެ ނައިބު ރައީސް، ނާޒިމް މަގާމުން އިސްތިއުފާ ދެއްވައިފި

31/05/2026

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު މަޖިލީހުގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވައިފިއެެވެ.

އޭނާ އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރުމަށް ޕީއެންސީން ހުށަހެޅި މައްސަލަ އެޖެންޑާކޮށް މިއަދުގެ ޖަލްސާގައި ވަކިކުރުމަށް މަސައްކަތް ކުރަމުންދަނިކޮށެވެ. ޖަލްސާ ފެށުމުގެ ކުޑައިރުކޮޅެއް ކުރިން ނާޒިމްވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅާފައެވެ.

އިސްތިއުފާ ދިނުމަށްފަހު ނެެރު ބަޔާނުގައި އޭނާ ވިދާޅުވީ ޕީއެންސީން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރީ ޒިންމާދާރުކަމާއި އިޚްލާސްތެރިކަމާއެކުގައި ކަމަށެވެ. ނަމަވެސް އިންތިޚާބީ މަގާމެއްގައި ހުރެ، އިންތިޚާބު ކުރި މީހުން ދެކޮޅުކަން ހާމަވުމުން އެންމެ ޑިމޮކްރެޓިކް ގޮތަކީ އިސްތިއުފާ ދިނުންކަމަށް ގަބޫލު ކުރާތީ އިސްތިއުފާ ދެއްވީކަމަށެވެ.

މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމު ވަކިކުރުމަށް މަޖިލީހުގައި އަޣުލަބިއްޔަތު އޮތް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަަންޓަރީ ގުރޫޕުން ފާސްކުރީ މޭ މަހުގެ 13 ވަނަ ދުވަހު ބޭއްވި އެ ގުރޫޕުގެ ބައްދަލުވުމެއްގައެވެ.

ނާޒިމު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުން ފާސްކުރީ ނާޒިމުގެ މައްޗަށް އިތުބާރު ނެތުމުންނެވެ. އަދި އެ ނިންމުމާ ގުޅިގެން މޭ މަހުގެ 14 ވަނަ ދުވަހު އޭނާ މަގާމުން ވަކިކުރުމަށް 73 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅިއެވެ.

މަޖިލީހުގެ ނައިބު ރައީސަކު ހޮވުމަށް މިއަދު އިތުރު ޖަލްސާ އެއް ބާއްވާނެކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާންކޮށްފައެވެ.

ހިޔާލު


ގުޅުންހުރި