ރާއްޖެސަރުކާރު

ރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާންއާ ބައްދަލުކުރެއްވުން

25/07/2026

ޒައިން ރަޝީދު


ޝެއަރ

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޑޮކްޓަރ ޚަލީލުއްރަޙްމާން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙްތިފާލުތަކުގައި ދިވެހި ސަރުކާރުގެ ޚާއްޞަ މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންދެއްވީތީ ޑޮކްޓަރ ޚަލީލުއްރަޙްމާނަށް ޝުކުރު އަދާކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްގޮތާމެދުވެސް މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް، ގިނަ ޤައުމުތަކުން ގުޅިގެން ކުރާ މަސައްކަތްތަކާއި، ތަޢުލީމުގެ ފުރުޞަތުތަކާއި، ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް އެއްބާރުލުންދެވިދާނޭ މަގުތައް ހޯދުމަށް ތައްޔާރަށް ތިއްބެވިކަން ދެ ބޭފުޅުންވެސް ހާމަކުރައްވަމުންނެވެ.

ހިޔާލު


ގުޅުންހުރި