ރާއްޖެސަރުކާރު
ހއ. ކެލާގައި ކުއްލި ހާލަތެއްގައި ފުރަތަމަ ހަރަކާތްތެރިވާނޭ މީހުން ތަމްރީން ކުރުން
19/08/2026
ޒައިން ރަޝީދު

ޝެއަރ
ކުއްލި ހާލަތެއްގައި ފުރަތަމަ އިޖާބަދޭ ފަރާތްތައް ތަމްރީން ކުރުމަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރިއަށް ގެންދާ ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް (ސާޓް) ތަމްރީން ހއ. ކެލާގައި މިއަދު ފަށައިފިއެވެ.
ކެލާ ކައުންސިލާ ގުޅިގެން ޔުނިސެފްގެ އެހީއާއެކު އެންޑީއެމްއޭއިން ކުރިއަށް ގެންދާ މި ތަމްރީން މިއަދާއި މާދަމާ ކުރިއަށް ދާނެކަމަށް އެންޑީއެމްއޭއިން ވިދާޅުވޭ. ތަމްރީންގައި ކައުންސިލްގެ ބޭފުޅުންނާއި ރަށުގައި ހިމެނޭ މުއައްސަސާތަކާއި އެކި ދާއިރާތަކުން 30 ވުރެ ގިނަ ބޭފުޅުން ބައިވެރިވެއެވެ.
ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް ނުވަތަ ސާޓަކީ ކުއްލި ހާލަތުގައި ފުރަތަމަ އިޖާބަ ދިނުމަށް ރަށު ފެންވަރުގައި ތަމްރީން ކުރާ ބައެކެވެ. ސާޓް ތަމްރީން ފުރިހަމަ ކުރާ ބޭފުޅުން ކުއްލި ހާލަތުގައި ހަރަކާތްތެރިވާނީ ރަށުގެ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ އިރުޝާދުގެ ދަށުންނެވެ.
"ސާޓް ތަމްރީނަކީ ކުއްލި ހާލަތުގައި ރަށު ފެންވަރު އެންމެ ފުރަތަމަ އިޖާބަދޭ ފާރަތްތައް ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް. މީގެ ސަބަބުން މި ރަށުގެ ވިލުންތެރިކަން އިތުރުކޮށް ކާރިސާއެއް ނުވަތަ ހާދިސާއެއް ދިމާވާ ހާލަތުގައި ހަރަކާތްތެރިވާނެ ބަޔަކު ތަމްރީންވެފައިތިބޭނެ. އެއީ މިރަށުގެ ވިލުންތެރިކަން އިތުރުކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް" – އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން
ހއ. ކެލާގައި ކުރިއަށްދާ މި ތަމްރީނަށްފަހު އިތުރު ރަށްރަށުގައި ވެސް މި ތަމްރީން ކުރިއަށް ގެންދިއުމުގެ މަސައްކަތް އެންޑީއެމްއޭއިން ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
ސާޓް ތަމްރީނަކީ ރަށު ފެންވަރުގައި ވިލުންތެރިކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވެ، އަދި ހޭލުންތެރި މަޖުތަމައެއް ބިނާކުރުމަށް ރަށު ފެންވަރުގައި އެންޑީއެމްއޭ އިން ކުރިއަށް ގެންދާ ކޮމިއުނިޓީ ރެސިލިއަންސް ބިލްޑިންގ (ސީބީއާރުބީ) ޕްރޮގްރާމްގައި ހިމެނޭ މުހިއްމު ތަމްރީނެކެވެ.
ހިޔާލު
ގުޅުންހުރި