ރާއްޖެސަރުކާރު

ކޮންމެ މީހަކަށްވެސް ޑިފެންސް މިނިސްޓަރުކަން ކުރެވިދާނެ: މާރިޔާ

07/06/2021

Admin

މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ - ފޮޓޯ: މިނިސްޓްރީ އޮފް ޑިފެންސް


ޝެއަރ

ޑިފެންސް މިނިސްޓަރުކަން ކޮންމެ މީހާކަށްވެސް ކުރެވިދާނެކަމަށާއި ވަޒީރުކަން އަދާކުރަން ކޮންމެހެން އަސްކަރީ ތަޖުރިބާ ބޭނުން ނުވާކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެެއެވެ.

އެ ކަމަނާ މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ މާރިޔާ ވަނީ މީގެ ކުރިން ޑިފެންސް މިނިސްޓަރުކަން އަދާ ކުރެއްވި ބައެއް ބޭފުޅުންނަކީ އަސްކަރީ ތަޖުރިބާ ހުރި ބޭފުޅުން ނޫންކަން ފާހަގަކުރައްވާ, ވަޒީރުކަން އަދާކުރުމަށް އަސްކަރީ ތަޖުރިބާ ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމް މާރިޔާ ފެއްޓެވީވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދުއަށް ދިން ހަމަލާ ކުއްވެރިކޮށް, އެމަނިކުފާނަށް ތަޢުރީފުކުރައްވާ، ވީހާވެސް އަވަހަށް ރައީސް ނަޝީދު އެނބުރި ސިޔާސީ މައިދާނުން ފެންނަން ބޭނުންފުޅުވާކަން ހާމަކުރައްވަމުންނެވެ. ނަމަވެސް މާރިޔާ އިތުރަށް ވިދާޅުވީ, ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރުކުރުމަކީ ސިފައިންގެ ތެރޭގައި އޮތް ކަންބޮޑުވުމެއް ކަމަށެވެ. މާރިޔާ ވިދާޅުވީ ވަކިވަކި ސިފައިންގެ ނަން ޖަހާ ސިއްރު ސީޓީ ފޮނުވާ ހާޒިރުކުރަން އެންގީމަ، ސިފައިންނަށް ޤާނޫނާ ޚިލާފު ކަމެއްކުރެވިދާނެ ކަމަށް ދެކި އެކަމާ ކަންބޮޑުވެ އެކަމުގެ ލަފަޔަކަށް އެދުނީ ކަމަށެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާއަކީ 129 އަހަރުވީ މުއައްސަސާއެއް ކަމަށާއި މުއައްސަސާއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ސިފައިން ޖަވާބުދާރީ ވާނެކަމަށެވެ. އަދި އެކަމަނާ ހާޒިރު ކުރުމަށް އަންގަވައިފިނަމަ, ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ އިންކުއައިރީއަށް ޑިފެންސް މިނިސްޓްރީން މަރުޚާބާ ކިޔާ ކަމަށާއި އެކަމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވިއިރު ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުނުވާނެކަން އަންގާ މަޖިލީހަށް ޑީފެންސް މިނިސްޓްރީން ފޮނުވި ސިޓީގައި ސޮއިކުރެއްވީ މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް އެވެ. އެކަމާގުޅިގެން އޭނާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ ޒަމީލްގެ މައްޗަށް ޖިނާޢީ ދަޢުވާކޮށްދިނުމަށް މަޖިލީހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ. އަދި އޭނާގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާބެހޭ ކޮމިޓީއަށް މަޖިލީހުގެ ރައީސް ހުށަހެޅުއްވުމުން އެމައްސަލަ ކޮމިޓީންވަނީ ބޭރުކޮށްލާފައެވެ.

މީގެ އިތުރުން އެމްއެންޑީއެފް އިން ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެކަމަށް ބުނެ މީގެ ކުރިން ބަޔާނެއް ނެރެފައެވެ. ޤަނޫނު އަސާސީއާއި ސިފައިންގެ ޤާނޫނަށް ހަވާލާދީ އެމްއެންޑީއެފް އިން ނެރުނު ދިގު ބަޔާނެއްގައި ބުނީ, މަޖިލީހުން ކުރިއަށް ގެންދާ އިންކުއައިރީއަށް ސިފައިން އެއްބާރުލުން ދޭނެކަމަށެވެ. ނަމަވެސް މަޖިލީހަށް ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާއިން ކަމަށާއި ވަކިވަކި ސިފައިން ހާޒިރުނުކުރެވޭނެ ކަމަށެވެ.

އެމްއެންޑީއެފްގެ ބަޔާނަށް ރައްދު ދެއްވާ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަރާލުމަށް ބޮން ގޮއްވާލިއިރު ކައިރީގައި ތިބި މޮޅު ސިފައިންގެ ބަސް ނުބުނެވޭ ގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި އާދައިގެ ސިފައިން ކަންކުރި ފުރިހަމަ ގޮތް ގެއްލުވާލުމަށް ސިފައިންގެ އިސްވެރިންް އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީ އަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލްއާ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އިއްޔެ ވަނީ ހާޒިރުވެ ކޮމިޓީން ކުރި ސުވާލުތައް ޖަވާބު ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަކީ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން, ސަލާމާތީ ބާރުތަކުން އެމަނިކުފާނަށް ދެމުންދާ ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް މިފަދަ އިންކުއައިރީއެއް ހިންގާ ފުރަތަމަ ފަހަރެވެ.

ހިޔާލު


ގުޅުންހުރި