މީހުންހުނަރު

މުއާ ބޭނުން ވަނީ ފިޓްނަސް ދާއިރާ ބަދަލުކޮށްލަން

06/08/2021

ޒައިން ރަޝީދު

މުއާ ހެމާގެ ބައެއް އިންސްޓްރަކްޓަރުންނާއެކު - ފޮޓޯ: ރެމޮން ކަމާލުއްދީން


ޝެއަރ

'ދި ހެމާ' ޖިމް އުފެއްދީ 2014 ވަނަ އަހަރުގައެވެ. މިހާރު މަޝްހޫރު ހެމާ ޖިމް ހުރިތަނަކީ އޭރު ބޮޑު ގުދަނެކެވެ. އެ ގުދަން މަޝްހޫރު ފިޓްނެސް ބްރޭންޑަކަށް ބަދަލުކޮށް, މާލޭގައި މިހާރު ހިންގާ އެންމެ ފެންވަރު ރަނގަޅު ޖިމަށް ބަދަލުވި މަންޒަރަކީ މާލެގައި ދިރިއުޅޭ ގިނަ މީހުންނަށް ފެނުނު މަންޒަރެކެވެ. ނަމަވެސް ދި ހެމާ ކާމިޔާބު ފިޓްނަސް ބްރޭންޑަކަށް ހެދުމަށް ކުރި މަސައްކަތުގައި ގިނަ ބަޔަކަށް ނޭގޭ މުހިއްމު ކިތަންމެ ވާހަކަތަކެއްވެއެވެ. މި ޖިމްގެ ކާމިޔާބު ދަތުރަކީ އިބުރަތްތެރި ވާހަކައެކެވެ.

އެވާހަކަތައް ފެށެނީ ހެމާގެ ފައުންޑަރ އަހްމަދު މުޢާޒު (މުއާ) ގެ ވާހަކައިންނެވެ. އޭނާ ހެމާ ފިޓްނެސް ބްރޭންޑެއްގެ ގޮތުގައި ކޮޅަށްޖެހީ, ޒުވާން އުމުރުގައި ކުރި ހިތި ތަޖުރިބާގެ އަލީގައި, އެފަދަ ހާލަތަކަށް ގޮސްދާނެކަމަށް ބެލެވޭ ޒުވާނުންނަށް ފުރުސަތެއް ހޯދައިދިނުމުގެ މަގްސަދުގައެވެ. ޒުވާނުން ކުށުގެ ވެއްޓަށް ދާ ސަބަބުތައް މުއާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. މުއާގެ ޒުވާން ދުވަސްވަރުން އެތައް އަހަރެއް ހޭދަކުރަންޖެހުނީ ޖަލުގެ އަނދިރިކަމާއި އެކަނިވެރިކަމުގައެވެ.

"ފުރަތަމަ ޖަލަށް ގެންދިޔައިރު އެންމެ 13 އަހަރު. އެކަމުވެސް ގޮސް ލީ ގާމާދޫ ޖަލަށް. އެތަނުން ފެނުނީ އަނދިރިކަމާއި އަނިޔާވެރިކަން." ޖަލުގައި ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް އާ ކުރަމުން މުއާ ކިޔައިދިނެވެ.

އޭރު ޖަލަކީ ގިނަ ޒުވާނުން ކުށުގެ ވެށިން ސަލާމަތް ކުރުމުގެ ބަދަލުގައި ކުށުގެ ދުނިޔެއަށް އިތުރަށް ވަދެވި ޣަރަގުވެގެންދިއުމަށް ބާރު ލިބޭ ތަނެކެވެ. ނަމަވެސް ޖަލުގައި ހޭދަކުރި ދުވަސްތަކުގައި މުއާއަށް އިހުުސާސްވީ ހަޔާތުން ބޭކާރުވަމުންދިޔަ ވަގުތުތަކުގެ މުހިއްމު ކަމެވެ. ޖަލުގައި ދަންނަ މީހުންނާއެކު އުޅުނު ނަމަވެސް, އެތަނުގެ އެކަނިވެރިކަމާއި އަނިޔާވެރިކަން އޭނާއަށް އިހުސާސްކޮށްދިނީ އޭނާ ފަދަ ޒުވާނުން ޖަލަށްދާންޖެހުނު ސަބަބުތަކެވެ. އެހާހިސާބުން އޭނާ ބޭނުންވީ އެ ދުނިޔެއިން ނިކުމެ, އަދި އެހެން ޒުވާނުންވެސް އެދުނިޔެއާ ދުރުކުރުމަށެވެ. އަސްލު 'ދި ހެމާ' އުފެދުނީ އެހާ ހިސާބުންނެވެ.

"ހެމާ އުފެއްދުމުގެ ބޭނުމަކީ ޒުވާނުންނަށް އިތުރު ފުރުސަތެއް އޮތް ކަން ހާމަކޮށްދިނުން. ބޭނުން ވަނީ ފިޓްނަސް ދާއިރާއަކީ މީހުން ފުލްޓައިމްކޮށް މަސައްކަތްކުރާ ރަނގަޅު މުސާރައެއް ލިބޭ ދާއިރާއަކަށް ހަދަން. ތެދެއް ދުނިޔެއް ބަދަލެއް ނުކުރެވޭނެ. މުޅި ރާއްޖެވެސް ބަދަލެއް ނުކުރެވޭނެ. އެކަމަކު ކޮންމެވެސް ޒުވާނުންތަކަކަށް މަންފާއެއް ކުރާ ކަމެއް ކުރެވިދާނެ އެއްނު. މީހުން ރަނގަޅު މަގުން ގެންދަން މުއާއަށްވެސް ސޮސައިޓީއަށް ކޮންޓްރިބިއުޓު ކުޑަ ނަމަވެސް ކުރެވިދާނެ އެއްނު. އެއީ ބޭނުމަކީ. އެކަން ކޮންމެވެސް ވަރަކަށް މިހާރު މިވަނީ ކާމިޔާބު ވެފަ" މުއާ ބުނެލިއެވެ.

ހެމާއިން ކޮންމެ އަހަރަކު ބޮޑީ ބިލްޑިންގ ދާއިރާއަށް ޒުވާނުން ނެރެ އެމީހުންނަށް ބޭނުންވާ ތަމްރީންތައް ފޯރުކޮށްދެއެވެ. އަދި މުބާރާތްތަކަށް ޒުވާނުން ތަމްރީން ކުރުމުގެ އިތުރުން, ޒުވާނުންނަށާއި ދަރިވަރުންނަށް ހާއްސަ އަގުތަކެއްގައި ޖިމްގެ ހިދުމަތް ދެއެވެ. ހެމާއަކީ މި ވަގުތު މާލޭގައި ހުރި އެންމެ ފެންވަރު ރަނގަޅު އަދި ޖާގައި ގޮތުންވެސް ތަނަވަސް ޖެ ޖިންސު މީހުންނަށް ހިދުމަތް ދޭ އެންމެ ރަނގަޅު އެއް ޖިމެވެ.

ހިޔާލު


ގުޅުންހުރި