ރާއްޖެސަރުކާރު

އިންޑިޔާއަކީ ގާތްއެކުވެރި ޤައުމަކަށްވުމަކީ ލިބޭ ވަރަށް ބޮޑު ނަސީބެއް: ނައިބު ރައީސް

16/08/2021

ޒައިން ރަޝީދު


ޝެއަރ

މިނިވަންކަން ލިބުމަށްފަހު އިންޑިޔާއިން އެތައް ރޮނގަކުން ހޯދިކުރިއެރުންތަކާއެކު ދުނިޔޭގެ ބޮޑެތި ބާރުތަކާ އެއް ސަފެއްގައި ފައިހަމަކޮށްފައިވާ ކަމަށާއި، އެހެންކަމުން ރާއްޖެއަކީ އިންޑިޔާގެ އަވަށްޓެރި ޤައުމެއްގެ އިތުރުން އިންޑިޔާގެ ގާތްއެކުވެރި ޤައުމަކަށްވާކަމީ ލިބޭ ވަރަށްބޮޑު ނަސީބެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެވެ.

އިންޑިޔާގެ މިނިވަންކަމަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އިންޑިޔާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުވުމުގެ އެތައް ސަތޭކަ އަހަރެއްގެ ކުރިން ވެސް ދެ ޤައުމުގެ އެކުވެރިކަމުގެ ގުޅުންތައް ފެށިފައިވާކަމަށާއި އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ނެއްޓި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާއެކު ރާއްޖޭގެ މިނިވަންކަން ފުރަތަމަ ބަލައިގަތް ޤައުމުތަކުގެ ތެރޭގައި ވެސް އިންޑިޔާ ހިމެނޭ ކަމަށެވެ. އަދި އޭގެ ފަހުން އެކިދާއިރާތަކުން ދެ ޤައުމުގެ ގުޅުންތައް ބަދަހިވަމުން އައިސް ޚާއްޞަކޮށް ފާއިތުވެދިޔަ ތިން އަހަރަކީ އިންޑިޔާއާ ރާއްޖޭގެ ގުޅުން މަތީ ހަރުފަތަކަށް ގެންދެވިފައިވާ އަހަރުތަކެއްކަން ފާހަގަކުރައްވައި މި މުއްދަތުގައި ދެ ޤައުމުގެ އެންމެ މަތީ ފަންތީގެ ބޭފުޅުންގެ ޒިޔާރަތްކުރެއްވުންތައް އިތުރުވުމާއި އިތުރުދާއިރާތަކުން ދެޤައުމުގެ ގުޅުންތައް ބޮޑޮތަނުން ފުޅާވެގެން ގޮސްފައިވާކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑިޔާއަކީ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ އިތުރުން، ރާއްޖެއިން އެހީތެރިކަމަށް ބޭނުންވާ ކޮންމެ ފަހަރަކު އެންމެ އަވަހަށް އިޖާބަދޭ އެއް ޤައުމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް އިޖްތިމާޢީ ތަރައްޤީގެ ދާއިރާއިން އިންޑިޔާގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މަޝްރޫޢުތަކާ އަދި ޚާއްޞަކޮށް އިންޑިޔާގެ އެހީގައި ގެންދާ" ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ތަކާއެކު ސަރުކާރުން ލާމަރުކަޒީގޮތުން ރާއްޖެ ތަރައްޤީކުރުމަށް ކުރާ މަސައްކަތަކަށް އިތުރު ހަލުވިކަމެއް ލިބި މުޅި ރާއްޖޭގެ އާންމު ދިރިއުޅުމުގެ ޙާލަތަށް ކުރިއެރުންތައް ލިބެމުން އަންނަކަމުގައިވެސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ފާއިތުވި އަހަރު ކޯވިޑް-19ގެ ބަލި މަޑުކަމާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމުގައި އިންޑިޔާ ސަރުކާރުން އެކިގޮތްގޮތުން ލިބުނު އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އެގޮތުން ކޯވިޑް-19 ފެށިގެން އައިއިރު ވޫހާންގައި ބަންދުވެފައިތިބި ދިވެހިން ޤައުމަށް ގެނެސްދިނުމާއި ބޭހުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާނާގެ އެހީތެރިކަމާއި އަދި އިންޑިޔާއިން ބޭރަށް ފުރަތަމަ ޤައުމަކަށް ހަދިޔާކުރި ވެކްސިންގ ޑޯޒްގެ ގޮތުގައި އިންޑިޔާއިން 200،000 ވެކްސިން ހަދިޔާކުރިކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރޭ ބޭއްވި ޙަފްލާގައި ރާއްޖެއާ އިންޑިޔާއާ ދެމެދު އޮތް ގުޅުން ދައްކުވައިދޭ ވީޑިޔޯ ޕްރެޒެންޓޭޝަނަކާއި އިންޑިއަން ކަލްޗަރަލް ސެންޓަރުގެ އައިޓަމްތައް ހުށަހަޅައިދިނެވެ. އަދި ޖަލްސާގައި ސަރުކާރުން އިސްވެރިންނާއި ރާއްޖޭގައި ތިއްބަވާ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު


ގުޅުންހުރި