ކުޅިވަރުރާއްޖޭގެ ކުޅިވަރު

ތިނަދޫގައި މީހުން އާބާދުވިތާ 55 އަހަރުފުރުން ފާހަގަކުރުމަށް 'ބަޅެ ނޮންޓާ' ކުޅެނީ

06/09/2021

ޒައިން ރަޝީދު

ގދ. ތިނަދޫ


ޝެއަރ

ގދ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 55 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން އެރަށުގައި މީގެ އަހަރުތަކެއް ކުރިން ކުޅެމުން އައި ކުޅިވަރެއް ކަމަށްވާ 'ބަޅެ ނޮންޓާ' ކުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.

ތިނަދޫ ކައުންސިލުން ނެރު ދެންނެވުމެއްގައި ބުނެފައިވަނީ މީހުުން އާބާދުވިތާ 55 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރޭގައި 'ބަޅެ ނޮންޓާ' ކުޅުން ހިމެނޭ ކަމަށާއި، މި ކުޅިވަރު ކުޅުމަށް ޝައުގުވެރިވާ އަންހެން ބޭފުޅުން ނަން ނޯޓު ކުރުމަށެވެ. ނަން ނޯޓުކުރުމަށް 9413846 ނަންބަރު ފޯނަށް ގުޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ތިނަދޫ ރަސްމީ ބޯޅަ ދަނޑުގައި ބާއްވާ މި ކުޅިވަރުގައި ބައިވެރިވާ ކުޅުންތެރިންގެ ޖޯސީއާއި އެހެނިހެން ކަންކަން ކައުންސިލުން ހަމަޖައްސާނެ ކަމަށް ކައުންސިލްގެ ދެންނެވުމުގައި ބުނެފައިވެއެވެ.

'ބަޅެ ނޮންޓާ' އަކީ ތިނަދޫގެ އަންހެން ބޭފުޅުން ކުޅެމުންއައި ކުޅިވަރެކެވެެ. ނަމަވެސް ފަހަކަށްއައިސް އެ ކުޅިވަރު ކުޅޭ ތަނެއް ނުފެނެވެ.

ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 55 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް، 'ބަޅެ ނޮންޓާ' ކުޅުމުގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން ރަސްމީ ޖަލްސާތަކާއި ހަފުލާތަކުގެ އިތުރުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނެއެވެ. އަދި މިހާރު މިހަރަކާތްތަކަށް ރަށް ދަނީ ޒީނަތްތެރިކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި