ރާއްޖެސަރުކާރު

ނައިފަރު ކައުންސިލް ލޯގޯ، ކޮޕީއެއް ކަމަށްބުނެ ފާޑުކިޔަނީ

22/02/2022

ޒައިން ރަޝީދު


ޝެއަރ

ޅ. އަތޮޅު ނައިފަރު ކައުންސިލް އިދާރާގެ އައު ލޯގޯއާއި ވެބްސައިޓް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިފްތިތާހް ކޮށްފައިވާއިރު، އަލަށް ބޭނުންކުރަން ފެށި ލޯގޯއަކީ ކޮޕީއެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔަން ފަށައިފިއެވެ.

ބޮޑު ރަސްމިއްޔާތެއް ބާއްވާ، އެ ރަސްމިއްޔާތު ޕީއެސްއެމްއިން ލައިވްކޮށް އިފްތިތާހް ކުރި އައު ލޯގޯއަކީ ލޯގޯ ހުށަހެޅުމަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތުގައި ބައިވެރިވި މީހުން ހުށަހެޅި ލޯގޯތަކުގެ ތެރެއިން, ކައުންސިލް އިވެލުއޭޝަން ޓީމުން ހޮވި ލޯގޯއެކެވެ. ކައުންސިލުން ބުނީ ލޯގޯތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ނައިފަރު ކައުންސިލް އިދާރާގައި ތިއްބެވި އެކިއެކި ފަންނީ މުވައްޒަފުން ހިމަނައިގެން، ނައިފަރު ކައުންސިލުން ކަނޑައަޅާފައިވާ 09 މެމްބަރުން ހިމެނޭ ކޮމެޓީއަކުންނެވެ.

އެ ކޮމިޓީން ހޮވާފައިވަނީ ޅ. ނައިފަރު މުލީހާ ޞާލިޙް އިސްޙާޤް ހުށަހެޅި ލޯގޯއެވެ. އަދި އެކަމުގެ އިނާމެއްގެ ގޮތުން އޭނާއަށް ކައުންސިލުން ވަނީ 30،000 ރުފިޔާ ދީފައެވެ. ލޯގޯ އިފްތިތާހް ކުރުމާއެކު އެ ލޯގޯއަކީ ކޮޕީއެއް ކަމަށް ބުނެ، އެކަމުގައި ކޮރަޕްޝަން ހިމެނޭ ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

އިސްޙާޤް ހުށަހަޅާ ކައުސިލުން ބޭނުން ކުރަން ފަށާފައިވާ ލޯގޯ އަކީ އިންޑޮނޭޝިޔާގެ އާރޓް ގެލެރީއެއްގެ ލޯގޯއާ ވަރަށް ވައްތަރު ލޯގޯއެކެވެ. ދެ ލޯގޯގައި މާ ބޮޑު ތަފާތުކަމެއް ނެތްއިރު ހަމައެކަނި ތަފާތަކީ ބޭނުންކޮށްފައިވާ ކުލައެވެ.


ނަމަވެސް ލޯގޯ އާންމުކުރި ހަފްލާގައި ލޯގޯ ރަމްޒުކޮށްދެނީ ކޯޗެއްކަން ބުނެދޭން ކައުންސިލުން ވަނީ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ލޯގޯ ހުށަހެޅުމުގެ މުބާރާތުގައި އެ އެތޮޅާއި ރާއްޖޭގެ ގިނަ ފަރުމާކުރުންތެރި ބައިވެރިވެ ލޯގޯ ހުށަހަޅާފައިވެއެވެ. އަދި މުބާރާތް 3 ފަހަރު އިއުލާންކުރިއެވެ. ކޮންމެ ފަހަރަކުވެސް ގިނަ ބަޔަކު ލޯގޯތައް ހުށަހަޅާފައިވަނިކޮށް ކެންސަލްކުރުމަށްފަހު އަނެއްކާވެސް އިއުލާންކުރީކަމަށް ބައެއް މީހުން ތުހުމަތުކުރެއެވެ. ލޯގޯ އިވެލުއޭޓް ކުރުމުގެ އުސޫލުވެސް އާންމުކުރީ އިއުލާންކުރި ފަހުންނެވެ. އަދި އެ އުސޫލުގައިވެސް ހުށަހަޅާ ލޯގޯއަކީ އަމިއްލަ އުފެއްދުމެއްކަމާއި ކޮޕީއަކަށް ވެގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ނައިފަރު ކައުންސިލަށް ފާޑުކިޔާ، ލޯގޯތައް އިވެލުއޭޓުކުރި ގޮތާމެދުވެސް ސުވާލު އުފައްދާފައިވެއެވެ. އަދި ލޯގޯ އިވެލުއޭޓްކުރި ކޮމިޓީގައި އިސްޙާޤްގެ އަންހުންނާއި އޭނާގެ ވަރަށް ގާތް ރައްޓެއްސަކު ހިމެނޭކަމަށް ބުނެ ބައެއް މީހުން ވަނީ ކޮރަޕްޝަންގެ ތުހުމަތުވެސް ކޮށްފައެވެ.

ހިޔާލު


maanu10:12 2022/02/23

kada logoeh

ގުޅުންހުރި