ރާއްޖެސަރުކާރު

އެމްޑީޕީގެ ޕްރައިމަރީއަށް ނުފޫޒު ފޯރާގޮތަށް އަދާލަތުން ޓުވީޓުކުރަނީ

08/01/2023

ޒައިން ރަޝީދު


ޝެއަރ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އަދާލަތު ޕާޓީގެ ރައީސް, ޝައިޙް އިމްރާން ޢަބްދުالله އާއި އެޕާޓީގެ ބައެއް މެންބަރުން އެމްޑީޕީގެ ޕްރައިމަރީއަށް ނުފޫޒުފޯރާ ގޮތަށް ޓުވީޓު ކުރައްވަން ފައްޓަވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއުލާން ކުރީ މިދިޔަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުގައެވެ. އަދި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްއާއި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ ފޯރިއާއެކު ކެންޕެއިން ކުރައްވަމުންނެވެ.

އެމްޑީޕީގެ ދެ ކެންޑިޑޭޓުން ފޯރިއާއެކު ކެންޕެއިން ކުރައްވަމުން ގެންދަވަނިކޮށް, ޕްރައިމަރީއާ އެއްވެސް ގޮތަކުން ގުޅުމެއް ނެތް, އަދާލަތް ޕާޓީގެ ރައީސް, އިމްރާން ޢަބްދުالله އާއި އެ ޕާޓީގެ ބައެއް މީހުން ދަނީ ކެނޑިނޭޅި ރައީސް އިބްރާހީމް މުޙައްމަދު ސާލިޙަށް ތާއީދުކޮށް ވޯޓު ދިނުމަށް އެމްޑީޕީގެ މެންބަރުންނަށް ގޮވާލާ ސޯޝަލް މީޑިއާ މެދުވެރިކޮށް ކެމްޕެއިން ކުރަމުންނެވެ.

ފުލުފުލުގައި ޓުވީޓު ކުރައްވަމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އިއްޔެ ވިދާޅުވީ ހުރިހާ ސީޔާސީ ޕާޓީތައް ގޮވައިގެން މަސައްކަތް ކުރެވޭނެ ބޭފުޅަކަށް ވެރިކަން ކުރަން ފަސޭހަވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއާ ސީދާ ގުޅުމެއް ނެތަސް އެމްޑީޕީގެ ޕްރައިމަރީގެ ފަހަތަށް ގައުމީ މަސްލަހަތާ ގުޅުން ހުރިކަންކަން އެބަހުއްޓޭކަމަށެވެ.

އިމްރާންގެ އިތުރުން އަދާލަތު ޕާޓީގެ ޖުޑީޝިއަލް ކޮމިޓީގެ މެންބަރު އަދި އިމްރާންގެ އަރިސް ޑރ. އިޔާޒުއާއި ޝައިޙް ޒައިދުވެސް ގެންދަނީ ރައީސް ނަޝީދާ ދެކޮޅަށް ޓުވީޓު ކުރަމުންނެވެ.


މިއީ މިހާ ފާޅުކަން ބޮޑުކޮށް, އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނުފޫޒުފޯރުވަން އަދާލަތުން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ދަނީ އަދާލަތު ޕާޓީއަށާއި ޝައިޙް އިމްރާނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އަދާލަތު ޕާޓީއަކީ ރައީސް އިބްރާހީމް މުޙައްމަދު ސާލީޙްގެ ކޯލިޝަން ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ. އަދި ޕްރައިމަރީ ކާމިޔާބު ވެއްޖެނަމަ, ރިޔާސީ އިންތިހާބަށް ނިކުންނާނީ ކޯލިޝަނަކާއެކު ކަމަށް ރައީސް ސާލިޙް ގެންދަވަނީ ވިދާޅުވަމުންނެވެ.

މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުން, ސަރުކާރުން ވަނީ އަދާލަތު ޕާޓީގެ ވަރަށް ގިނަ މެންބަރުން އެކިއެކި ސިޔާސީ މަގާމްތަކަށް އައްޔަނުކޮށްފައެވެ. އޭގެ ތެރޭގައި ވަޒީރުކަމުގެ މަގާމާއި ނައިބު ވަޒީރުކަމުގެ އިތުރުން ނައިބު ފެންވަރުގައި މުދިމުން އައްޔަނުކޮށްފައިވެއެވެ.

ހިޔާލު


ގުޅުންހުރި