ރާއްޖެސަރުކާރު

ކުޑަގިރި ފެރީ ޓިކެޓް 25 ރުފިޔާއަށް އަދި އެންޓްރެންސް ފީ 50 ރުފިޔާ

08/02/2023

ޒައިން ރަޝީދު


ޝެއަރ

މާލޭ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ސަރުކާރުން ތަރައްގީ ކުރަމުންދާ ޕިކްނިކް އައިލޭންޑް ކުޑަގިރި ބޭނުން ކުރުމަށް ދައްކަންޖެހޭ ފީތައް އާންމުކޮށްފިއެވެ.

ކުޑަގިރި އާންމުކޮށް ހުޅުވާލުމަށް ތައްޔާރުވަމުންދާއިރު, ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ތައްޔާރީތައް ބައްލަވާލައްވާފައެވެ. ކުޑަގިރި ފެރީ ޓިކެޓްގެ އަގަކީ ދިވެއްސަކަށް 25 ރުފިޔާއެވެ. އަދި އެ ރަށަށް އެރުމަށް އެންޓްރެންސް ފީއެއްގެ ގޮތުގައި 50 ރުފިޔާ ނަގާނެއެވެ.

ނަމަވެސް މި ފީތައް ނެގުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގައެވެ. ބަންދު ދުވަސްތަކުގައި ހިލޭ ކުޑަގިރިއަށް ދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކުޑަގިރި ހުޅުވުމަށް ވަމުންދާ ތައްޔާރީތައް ބައްލަވަލެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ބަންދު ދުވަސްތަކުގައި، ކުޑަގިރިއަށް ހިލޭ ދެވޭނެ ކަމަށާއި ބަންދު ދުވަސްތައް ހާއްސަކުރާނީވެސް ހަމައެކަނި ދިވެހިންނަށެވެ. އަދި ޕިކްނިކް އައިލެންޑްގެ ބޭނުމަކީ ރައްޔިތުންނަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުންކަމަށާއި މި ރަށުން ކުޑަކުދިންނާއި ޚާއްސައެހީއަށް ބޭނުންވާ މީހުންނަށްވެސް ހިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މާލެ ކައިރި ކުޑަގިރި ފަޅުން 8 ހެކްޓަރު ހިއްކައިގެން ކުޑަގިރި ތަރައްގީ ކޮށްފައިވަނީ މާލޭ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ހާއްސަކޮށްގެންނެވެ. މާލޭ ސަރަހައްދުގައި ޕިކްނިކް ދިއުމަށް ރަށެއް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ރިޔާސީ ވަޢުދެކެވެ.

ހިޔާލު


ގުޅުންހުރި