ރާއްޖެސަރުކާރު

ކުޑަގިރި ޕިކްނިކް އައިލޭންޑް ރަސްމީކޮށް ހުޅުވައިފި

11/02/2023

ޒައިން ރަޝީދު


ޝެއަރ

މާލޭގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ސަރުކާރުން ހެދި ކުޑަގިރި ޕިކްނިކް އައިލޭންޑް ރަސްމީކޮށް ހުޅުވައިފިއެވެ.

ކުޑަގިރި ރަސްމީކޮށް ހުޅުއްވާދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްއެވެ. ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާލެ ކައިރި ކުޑަގިރި ފަޅުން 8 ހެކްޓަރު ހިއްކައިގެން ކުޑަގިރި ތަރައްގީ ކޮށްފައިވަނީ މާލޭ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ހާއްސަކޮށްގެންނެވެ. މާލޭ ސަރަހައްދުގައި ޕިކްނިކް ދިއުމަށް ރަށެއް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ރިޔާސީ ދައުރުގެ 100 ދުވަހުގެ ދައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކުޑަގިރިއަށް ނަގާ ފީތައް ކުޑައެއް ނޫން

ރަށް މިއަދު އާންމުންނަށް ހުޅުވާލިއިރު ރަށް ބޭނުން ކުރުމަށް ނަގާ ފީތައް ރަށް ބަލަހައްޓާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީން ވަނީ އާންމުކޮށްފައެވެ.

ފެރީ ޓިކެޓް ބޮލަކަށް - 50 ރުފިޔާ

ރަށަށް އެރުމަށް ބޮލަކަށް - 50 ރުފިޔާ

ރަށުގައި ހަދާފައިވާ ކުޑަ އަށި - 500 ރުފިޔާ

ރަށުގައި ހަދާފައިވާ ބޮޑު އަށި - 1200 ރުފިޔާ

ހަފްތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކުގައި ފެރީ އަދި ރަށަށް ދިވެހިންނަށް ހިލޭ އެރޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. ނަމަވެސް އަށިތަކާއި އެހެނިހެން ހިދުމަތްތައް ބަންދުދުވަސްތަކުގައި ލިބޭނީ އެކަމަށް ކަނޑައަޅާފައިވާ އަގު ދައްކައިގެންނެވެ.

ރަށުގައި ސެކިއުރިޓީ ވަރުގަދަ ވާނެ

މުޅި ރަށް މޮނިޓާކުރުމުގައި އެޗްޑީސީން ނަގާފައިވާ ކުޑަގިރި ސެކިއުރިޓީ ޓީމުން މުޅިރަށް މޮނިޓަރ ކުރަމުންދާނެއެވެ. އަދި ރަށުގެ ހުރިހާ ހިސާބެއް ހިމެނޭހެން 44 ކެމެރާ ހަރުކޮށް ކެމެރާ މެދުވެރިކޮށްވެސް ރަށް މޮނިޓާ ކުރަމުންދާނެވެ.

ރަށުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިންގައިފިނަމަ އެކަން ބެލުމަށް ފުލުހުންގެ ޓީމެއްވެސް އޮންނާނެއެވެ. އަދި ހަމަ ނުޖެހުން ހިންގާ މީހުން ބްލެކްލިސްޓްކޮށް ދެވަނަ ފަހަރަށް ރަށަށް ނޭރޭ ގޮތަށް ހަދާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެހެން ކަމުން ރަށް ވަަރަށް ބޮޑަށް މޮނިޓާކޮށް, ރަށުގައި ކުރާ ހުރިހާ ކަމެއްހެން އެޗްޑީސީންގެ ޓީމަށާއި ކެމެރާތަކުން މޮނިޓާ ކުރާނެއެވެ.

ހިޔާލު


ގުޅުންހުރި