ރާއްޖެސަރުކާރު
އާންމު ޚިޔާލު ހޯދުމުގެ ވޯޓު: ރައްޔިތުން ބޮޑުތަނުން ބުނީ ނޫނެކޭ!
05/04/2026
ޒައިން ރަޝީދު

ޝެއަރ
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ވޯޓުގައި ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެފިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މިހާތަނަށް 68 އިންސައްތަ މީހުން ވަނީ ނޫނެކޭ ބުނެ ދެކޮޅަށް ވޯޓު ދީފައެވެ. އެއްކޮޅަށް ވޯޓު ދީފައިވަނީ އެންމެ 31 އިންސައްތަ މީހުންނެވެ. މިހާތަނަށް އައިރު 588 ވޯޓު ފޮށީގެ ތެރެއިން 561 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ އެނގިފައިވާއިރު 141,564 މީހުން ވަނީ ދެކޮޅަށް ވޯޓު ދީފައެވެ. އެއްކޮޅަށް ވޯޓު ދިނީ 64,985 މީހުންނެވެ.
ނަތީޖާތައް ގުނުމުގެ މަސައްކަތް ކުރިއަށްދާއިރު، އަދިވެސް 27 ވޯޓު ފޮށީގެ ނަތީޖާ ސާފެއް ނުވެއެވެ. ނަމަވެސް ބާކީ ހުރި ވޯޓު ފޮށިތަކަށް ބަލާއިރު، ނަތީޖާ ބަދަލުވެދާނެ ކަމަށް ނުބެލެވެއެވެ.
ހޮނިހިރު ދުވަހު 3 ވޯޓެއް ނެގިއެވެ. އެއީ އާންމު ޚިޔާލު ހޯދުމުގެ ވޯޓުގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބެވެ.
މިހާތަނަށް އިއުލާންކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން އިދިކޮޅު އެމްޑީޕީން ވަނީ ހުރިހާ ސިޓީތަކެއްގެ މެޖޯރިޓީ ނަގާފައެވެ. އަދި ހުރިހާ ސިޓީތަކެއްގެ މޭޔަރުގެ މަގާމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސްކަންވެސް ކާމިޔާބު ކޮށްފައެވެ.
އިންތިޚާބަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ، އިޙްތިރާމާއެކު ބަލައިގަންނަ ކަމަށެވެ. އަދި ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަށް ދެއްވިއެވެ.
ހިޔާލު
ގުޅުންހުރި